އައްޑޫގެ ރިސޯޓްތަކާ މެދު ނެގޯޝިއޭޓް ކުރަން ތިބެވޭކަށް ނެތް: އިލްޔާސް
އައްޑޫގެ ރިސޯޓްތަކާ މެދު ނެގޯޝިއޭޓް ކުރަން ތިބެވޭކަށް ނެތް: އިލްޔާސް

އައްޑޫގެ ދެ ރިސޯޓް ވެސް ބަންދުކޮށްފައިވާތާ އެތައް ދުވަހެއް ވެ، ގިނަ ބަޔަކަށް އޭގެ ގެއްލުން ވާތީ، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އައްޑޫގެ ރިސޯޓްތަކާ މެދު ނެގޯޝިއޭޓް ކުރަން ތިބެވޭކަށް ނެތް: އިލްޔާސް
އައްޑޫގެ ރިސޯޓްތަކާ މެދު ނެގޯޝިއޭޓް ކުރަން ތިބެވޭކަށް ނެތް: އިލްޔާސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސްގައި، އޭނާ ވިދާޅުވީ ހެރަތެރަ އާއި ޝަންގްރިއްލާ (ވިލިނގިލި) ބަންދުކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަަމާއި އެ ދެ ރިސޯޓް ހިންގަން ފަށަން ޖެހޭ ކަމަށެވެ. ދެ ރިސޯޓް ހުޅުވައިފި ނަމަ އެއީ ގާތްގަނޑަކަށް 1،000 މީހުންގެ ވަޒީފާ ކަމަށާއި ވަޒީފާ ބޭނުންވާ ގިނަ އަދަދެއްގެ މީހުން އައްޑޫގައި އެބަތިބި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ހެރަތެރަ ހިންގެން ޖެހޭ. އަޅުގަނޑުމެންނަކަށް ނެތް ނެގޯޝިއޭޓް ކޮށްކޮށް ތިބެވޭކަށް. އެއް އަހަރަށް ވުރެ ގިނަ ވެއްޖެ ނެގޯޝިއޭޓް ކޮށްކޮށް، އަޅުގަނޑުމެން ބަލަބަލައި ތިބޭތާ،" ކަންބޮޑުވުމާއެކު އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހެރަތެރަ އާއި ޝަންގްރިއްލާ ވެސް މިނިވަންކަމާއެކު ހިންގަން ސަރުކާރުން ދޫކޮށްލައިފި ނަމަ އެ ދެ ރިސޯޓް ވެސް ރަނގަޅަށް ހިންގޭނެ އެވެ. އޭގެ މިސާލެއްގެ ގޮތުގައި އިލްޔާސް ދެއްކެެވީ ސައުތުޕާމްް (އިސްމެހެލާ ހެރަ) އެވެ. އެ ތަނުގައި ހުރި 115 ކޮޓަރި މިހާރު ވެސް ހުރީ އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް ބުކްކޮށްފަ އެވެ.

"އެހެންވީމާ ޑިމާންޑް އެބައޮތް، އެ ތަންތަން މިނިވަންކަމާ އެކީ ދޫކޮށްލައި ހިންގޭނެ ގޮތަށް ހަދަން ޖެހޭނީ. އެ ތަންތަނުގެ ކުލި ކުޑަކޮށްފައި ހުރީ،" އިލްްޔާސް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި އިރު ހެރަތެރަ (ކެނެރީފް ރިސޯޓް) އަންނަ ޑިސެމްބަރު މަހު ހުޅުވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިދިޔަ މަހު އޮތީ ބުނެފަ އެވެ.

އެ ތަނުގެ ހާލަތު ބަލަން ސިޓީ ކައުންސިލުން ކުރި ދަތުރަކަށް ފަހު، އޭރު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނެވޭކަމުގެ ޔަގީންކަން ކެނެރީފްގެ މެނޭޖްމަންޓުން މޭޔަރު އަލީ ނިޒާރަށް ދީފައިވާ ކަމަށެވެ. އެކަމުގައި ދެވެން ހުރި ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ކައުންސިލުން ދޭނެ ކަމަށް ވެސް އޭރު ބުންޏެވެ.

އައްޑޫގައި ހެރަތެރައިގައި ނަމުގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓް ކޮވިޑާ ހެދި ބަންދުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އައްޑޫގައި ވަކިން އޮންނަ ހުޅުދު އާއި މީދޫ ކައިރީގައި އޮންނަ އެ ރިސޯޓު ހުޅުވީ 2007 ގަ އެވެ.