08 ނޮވެމްބަރ 2021 - 11:51

މިލާން (ނޮވެމްބަރު 8) - އިޓާލިއަން ސެރީއާގައި، ވާދަވެރި އޭސީ މިލާނާއި އިންޓަ މިލާން ރޭ ކުޅުނު މެޗު އެއްވަރުވެ، އޭސީ މިލާނުން ތާވަލުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ދެ ޓީމުގެ ވެސް ހޯމް ސްޓޭޑިއަމް ސެން ސީރޯގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ. އެއްވަނައިގައި އޮތް ނަޕޯލީ އިއްޔެ ހަލެސް ވެރޯނާއާ ވާދަކޮށް 1-1 އިން އެއްވަރު ވުމާއެކު، ދެވަނައިގައި އޮތް އޭސީ މިލާން މި މެޗު ކާމިޔާބު ކުރި ނަމަ، ކުރިއަށް އޮތް "އިންޓަނޭޝަނަލް ބްރޭކް" އަށް ދާއިރު އެއްވަނައިގައި އޮންނާނީ އޭސީ މިލާނެވެ. ނަމަވެސް މެޗު އެއްވަރު ވުމުން ނަޕޯލީއާ އެއްވަރަށް 32 ޕޮއިންޓް ހޯދައިގެން އޭސީ މިލާން ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އިންޓަ މިލާނަށް ލީޑް ނަގައިދިނީ މެޗުގެ 11 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ހަކަން ކަލްހަނޮގްލޫ އެވެ. މިއީ މި ސީޒަނުގައި އޭސީ މިލާނުން އިންޓަ މިލާނަށް ބަދަލުވި ކަލްހަނޮގްލޫ އަށް އޭސީ މިލާނުގެ ފްރޭންކް ކެސިއޭ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
އިންޓަ އިން ލީޑު ނެގިތާ ހަ މިނިޓު ފަހުން އޭސީ މިލާނުން އެއްވަރު ކުރީ އިންޓަގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މި ގޯލު ވަނީ އޭސީ މިލާނުގެ ސަންޑްރޯ ޓޮނާލީ ނެގި ހިލޭ ޖެހުމެއް ދިފާއުކުރަން ޑި ވްރައި އުޅުމުގެ ތެރޭގަ އެވެ.
ދެވަނަ ފަހަރަށް މެޗުގައި ލީޑް ނަގަން އިންޓަ އަށް ލިބުނު ޕެނަލްޓީއެއް މެޗުގެ 27 ވަނަ މިނިޓުގައި ފޯވަޑް ލައުޓާރޯ މާޓިނޭޒް ފޮނުވައިލުމުން ދިފާއުކުރީ އޭސީ މިލާނުގެ ކީޕަރު ސިޕްރިއަން ޓަޓަރުސާނޫ އެވެ.
ނަޕޯލީ އިން ރޭ ވެރޯނާއާ ވާދަކުރި މެޗުގައި 13 ވަނަ މިނިޓުގައި ވެރޯނާއަށް ލީޑު ނަގައިދިނީ ޖިއޮވާނީ ސިމިއޯނީ އެވެ. އޭގެ ފަސް މިނިޓު ފަހުން ނަޕޯލީ އަށް އެއްވަރު ކޮށްދިނީ ފުލްބެކް ޖިއޮވާނީ ޑި ލޮރެންޒޯ އެވެ.
ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ އޭއެސް ރޯމާ ވަރީ މި ސީޒަނުގައި ސެރީ އާ އަށް ޕްރޮމޯޓުވި ވެނީޒިއާ އަތުން 3-2 އިން ބަލިވެފަ އެވެ. އޭސީ މިލާނުން މި ސީޒަނަށް ލޯނު އުސޫލުން ވެނީޒިއާ އަށް ދޫކޮށްފައިވާ މައްޓިއާ ކަލްޑާރާގެ ލަނޑުން މެޗުގެ ތިންވަނަ މިނިޓުގައި ލީޑު ނަގާފައި ވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާ ވަނީ އެލްޑޯ ޝުމޮރޮޑޯވް އާއި ޓެމީ އަބްރަހަމްގެ ގޯލުތަކުން ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ.
ފަހު ހާފުގައި ލިބުނު ޕެނަލްޓީއަކުން ވެނީޒިއާ އަށް އެއްވަރު ކޮށްދިނީ މައްޓިއާ އަމަރެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ ޑޭވިޑް އޮކެރެކޭ އެވެ.
މިއީ އެންމެ ފަހުން ރޯމާ ލީގުގައި ކުޅުނު ފަސް މެޗުން ބަލިވި ތިންވަނަ މެޗެވެ. ރަނގަޅު ފޯމެއްގައި ސީޒަން ފެށި ރޯމާ، މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައި ވާއިރު އެ ޓީމު މިވަގުތު އޮތީ 19 ޕޮއިންޓާ އެކު ތާވަލުގެ ހަވަނައިގަ އެވެ.