300،000ރ. ގެ ސާމާނު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ މަރުވާން އުޅެފި
300،000ރ. ގެ ސާމާނު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ މަރުވާން އުޅެފި

ބޮޑު ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި އެވެ.

އެޕަލް ވޮޗަކާއި 300،000ރ. ގަހަނާ ވަގަށް ނެގި ކަމުގެ ތުހުމަތަށް ހައްޔަރުކުރި 33 އަހަރުގެ ފިރިހެން މީހާ ބަންދުކޮށްފައި ހުއްޓާ މަރުވާން އުޅުނު ކަމަށް ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ގެންދިއުމުންނެވެ.

ކޯޓުގައި ފުލުހުން ބުނި ގޮތުގައި އޭނާ ދަންޖެހިގެން މަރުވާން މަސައްކަތްކުރުމުން ފުލުހުން މިހާރު ގެންދަނީ އޭނާ ބަންދުގައި ހުންނައިރު އުޅޭ ނޫޅޭ ގޮތް ކުރިއަށްވުރެ ބޮޑަށް މޮނިޓަކުރަމުންނެވެ.

ފުލުހުން ކޯޓުގައި މިގޮތަށް ބުނުމުން ގާޒީ އިސްމާއިލް ޝަފީއު ވަނީ ވައްކަމުގެ ތުހުމަތުކުރެވޭ މީހާގެ ނަފްސާނީ ހާލަތު ވަޒަން ކުރުމަށް ވީ އެންމެ އަވަހަށް އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް އަންގަވައިފަ އެވެ.

ވައްކަމުގެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ ވަގަށް ނެގި އެޕަލް ވޮޗް ވިއްކަން އުޅެނިކޮށެވެ. އެކަމަކު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން، ވަގަށް ނެގި ގަހަނާތައް، ތުހުމަތުކުރެވޭ މީހާގެ އަތަކުން ނުފެނެ އެވެ.

ނަމަވެސް އޭނާ އަކީ މިފަދަ ވައްކަންތަކުގެ ދިގު ރެކޯޑެއް އޮތް މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ވައްކަމުގެ މައްސަލާގައި ތުހުމަތެއް އުފުދޭ ވަރަށް ފުލުހުންނަށް ވަނީ ހެކި ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ސީސީޓީވީ ފޫޓޭޖް ވެސް ލިބިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.

އެހެންވެ ގާޒީ އިސްމާއިލް ޝަފީއު އަމުރު ކުރެއްވީ މުޖުތަމައުގެ ސަލާމަތަށްޓަކައި އެ މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަށެވެ.