ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 97 އަށް
ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 97 އަށް

ޖަކާޓާ (ޑިސެމްބަރު 7) - އިންޑޮނީޝިއާގެ އަސޭ ޕްރޮވިންސަށް އައި ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 97 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 97 އަށް
ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 97 އަށް

ރިކްޓާ މިންގަނޑުން 6.5 ގެ ބާރުމިނުގެ ބިންހެލުން އައިސްފައި ވަނީ އިރު އުތުރުގެ ސުމަތުރާ އައިލެންޑުގެ ސިގްލީ ޓައުންއަށެވެ. ބިންހެލުމުގައި ވަނީ ވަރަށް ގިނަ އިމާރާތްތައް ވެއްޓިފަ އެވެ.

"މިހާތަނަށް ވަނީ 97 މީހުން މަރުވެފައި. މި އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ބެލެވޭ،" އަސޭގެ ސިފައިންގެ ވެރިޔާ މޭޖާ ޖެނެރަލް ޓަޓަން ސުލައިމާން ޓީވީ އިންޓަވިއުގައި ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ ނޭޝަނަލް ޑިޒާސްޓާ އެޖެންސީން ބުނީ ބިންހެލުމުގައި 200 ފިހާރަ އާއި ގެ ވެއްޓިފައިވާ ކަމަށެވެ. އަދި 14 މިސްކިތެއް ވެސް ވަނީ ހަލާކުވެފަ އެވެ. ހޮސްޕިޓަލަކާއި ސްކޫލެއް ވެސް ވަނީ ހަލާކުވެފަ އެވެ.

އިންޑޮނީޝިއާގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެފައި ވަނީ ބިންހެލުން އައި ނަމަވެސް ސުނާމީއެއް އުފެދިފައި ނުވާ ކަމަށެވެ. މި ބިންހެލުމުގައި ބަންދާ އަސޭ އަށް ވެސް ބޮޑެތި ލޮޅުންތައް އެރި ކަމަށްވެ އެވެ. ސުމަތުރާ އަށް މި އަހަރު ވަނީ ގިނަ ބިންހެލުންތަކެއް އައިސްފަ އެވެ.

އިންޑޮނީޝިއާގެ އަސޭ ޕްރޮވިންސަށް 2004 ވަނަ އަހަރު އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި އެ ގައުމުން ވަނީ 170،000 މީހުން މަރުވެފަ އެވެ. އަދި އޭޝިއާގެ އެކި ގައުމުތަކަށް ސުނާމީ އަރާ މަރުވި މީހުންގެ އަދަދު ވަނީ 230،000 އަށް އަރައިފަ އެވެ.