ސެޓެލައިޓް ސްކޫލު ހުޅުވުން ދެވަނަ ފަހަރަށް ފަސްކޮށްފި
ސެޓެލައިޓް ސްކޫލު ހުޅުވުން ދެވަނަ ފަހަރަށް ފަސްކޮށްފި

ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ސެޓެލައިޓް ސްކޫލުތައް ހުޅުވުން އަންނަ ޓާމަށް ފަސްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ސެޓެލައިޓް ސްކޫލު ހުޅުވާށެވެ. ބައެއް މަސައްކަތްތައް ނުނިމޭތީ އޭރު ސްކޫލުތައް ހުޅުވުން ފަސްކުރީ މި މަހުގެ ނިޔަލަށެވެ.

އެކަމަކު އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް "މިހާރު" އަށް ވިދާޅުވީ ދެ ވަނަ ޓާމް ނިމެން ވަރަށް ބޮޑަށް ކައިރިވެފައިވާތީ ސްކޫލުތައް ހުޅުވުން އަނެއްކާވެސް ފަސްކޮށްފައިވާ ކަމަށެވެ.

ސެޓްލައިޓް ސްކޫލުތައް ހުޅުވާނެ ސީދާ ތާރީހެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް ބޮޑަށް ބަލަނީ އަންނަ ޓާމުގައި އެ ސްކޫލުތައް ހުޅުވަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓާމު ނިމެން ގާތްވެފައި އޮތީމާ ބައެއް ކުދިންގެ ޓެސްޓްތައް ވެސް ކުރިއަށްދާތީ ސެޓްލައިޓް ސްކޫލު ހުޅުވުން ފަސްކޮށްލީ،"

"ސެޓެލައިޓް ސްކޫލް" ގާއިމު ކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގަ އެވެ. މި މަސައްކަތުގެ ދަށުން، ބ. ފެހެންދު އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ވަނީ ފަށައިފަ އެވެ.

ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައި ދިނުމަށްޓަކައި ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެ އެވެ. އެ ދަރިވަރުންނަށް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ.

މި ތިން ސްކޫލްގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ ޓީޗަރުންނެވެ.

ކޭޑީ އެންޓަޕްރައިސަސްއާ ހަވާލުކޮށްގެން ފެހެންދޫގައި ސެޓްލައިޓް ސްކޫލު އިމާރާތް ކުރަމުން އަންނަނީ ދައުލަތުގެ ބަޖެޓުން އެއް މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ. ތިނަދު އާއި ރަކީދޫގެ ސެޓެލައިޓް ސްކޫލް އިމާރާތްކުރަން ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެވެ. ތިނަދޫ ސްކޫލަށް އެއް މިލިއަން ރުފިޔާ އަދި ރަކީދޫ ސްކޫލު އަޅަން ދެ މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.