07 ނޮވެމްބަރ 2021 - 19:55

މިދިޔަ މަހު ރާއްޖެ އެތެރެކުރި 100 ކިލޯގެ ޑްރަގްސް ނެގީ ސަފާރީއެއްގައި ދިގު ދަތުރެއް ކޮށް، ރާއްޖޭން ބޭރުގެ ބޯޓަކާ ކައިރިކުރުމަށް ފަހުގައި ކަމަށް އެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ބުނެފި އެވެ.

ސަފާރީއަކާއި މާލެ އާއި ހުޅުމާލޭގެ 10 ތަނެއް ފާސްކޮށް ހޯދި 100 ކިލޯއަށްވުރެ ގިނަ ޑްރަގްސްގެ މައްސަލާގައި މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ތިބި މުހައްމަދު އަހްމަދު، 34، އަދި ޖުމާން މުސްތަފާ، 19، ގެ ބަންދުގެ މުއްދަތު މިއަދު ފަސް ދުވަހަށް އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން މި މީހުން ސަފާރީގައި ދިގު ދަތުރެއް ކުރި އެވެ. އަދި ބޭރުގެ ބޯޓަކާ ކައިރިކޮށް ގޯނިތަކެއް ސަފާރީއަށް އެރުވިތަން ފެނުނު ކަމަށް ބައެއް މީހުން ތަހުގީގުގައި ބުނެފައިވާ ކަމަށް ގާޒީ އާދަމް މުހައްމަދު ނެރުއްވި އަމުރުގައިވެ އެވެ.
ތަހުގީގަށް ކިޔައިދިން މީހުން ބުނެފައި ވަނީ ސަފާރީ އަށް ބޯޓުން އެރުވި ގޯނިތައް ފަހުން ސަފާރީގައި ނެތް ކަމަށެވެ.
ފުލުހުން އެ ގޯނިތައް ހޯދާފައިވަނީ އެކި ތަންތަނުގައި ފޮރުވާފައި ހުއްޓަ އެވެ.
އަމުރުގައިވާ ގޮތުން، މަސްތުވާތަކެތި ހުރި ގޯނިތައް ބަންނަން ބޭނުންކޮށްފައި ހުރި ވައްތަރުގެ ނޫކުލައިގެ ވާގަނޑެއް ސަފާރީން ވެސް ފެނިފައިވެ އެވެ.
މި ދެ މީހުންގެ ދިފާއީ ވަކީލުން މިއަދު ކޯޓުގައި ބުނީ މި މީހުންނާ މަސްތުވާތަކެއްޗާ ގުޅުން ހުރި އެއްވެސް އެއްޗެއް އެ މީހުންގެ ގެއިން ވެސް ނުފެންނަ ކަމަށާއި މައްސަލާގައި ހިމެނޭ ގިނަ ބަޔަކު މިހާރު ދޫކޮށްލާފައި ވާތީ މި ދެ މީހުން ވެސް ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. ދިފާއީ ވަކީލުންގެ އަނެއް ޝަކުވާ އަކީ މަސްތުވާތަކެތި އުފުލި ސަފާރީން ދަތުރުކުރި އެއްވެސް މީހަކު ބަންދުން ދޫކޮށްލާފައި ނުވުމެވެ. އަދި މި މީހުންނާ މެދު ތަހުގީގުގައި ތަފާތުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލާގައި 10 މީހަކު ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ވެސް އިތުރު ނުކޮށް، މި ކަމުގައި އެންމެ އިސްކޮށް އުޅުނު ދެ މީހަކު ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. އަދި އޭގެ ފަހުން ވެސް ބައެއް މީހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.