07 ނޮވެމްބަރ 2021 - 17:21

މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމުދިޔަ މީހާ އަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި މިއަދު ފުލުހުންނާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ އިބްރާހީމް މިސްކިތަށް އަރައި ހަތިމަކަށް ކުޅު ޖެހި މައްސަލައެއްގައި 40 އަހަރުގެ މީހަކު 4:00 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް އެއީ މިސްކިތަށް ކުޑަކަމުދިޔަ މީހާކަން ވަނީ އެނގިފަ އެވެ.
މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި ކުރިން ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40، އެވެ.
މިސްކިތަށް ކުޑަކަމުދިޔަ މައްސަލާގައި މި މީހާ ހައްޔަރުކުރީ މިދިޔަ މަހު ތިން ވަނަ ދުވަހު އެވެ. މި މީހާ ހައްޔަރުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ކުރިން ބުނި ނަމަވެސް އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމަށް ފަހު މިހާރު ވަނީ ތަހުގީގު ނިންމައި ދައުވާކުރަން ވެސް ފޮނުވައިފަ އެވެ.