ފެނުނު ޑްރަގުގެ ބާވަތާ މެދު ސުވާލު އުފައްދައި ބޭރުކޮށްލި މައްސަލައެއް ބަލަން ހުކުމްކޮށްފި
ފެނުނު ޑްރަގުގެ ބާވަތާ މެދު ސުވާލު އުފައްދައި ބޭރުކޮށްލި މައްސަލައެއް ބަލަން ހުކުމްކޮށްފި

އައްޑޫގައި ފޭދޫ މެޖިސްޓްރޭޓު ކޯޓުން ބޭރުކޮށްލި ޑްރަގް ޓްރެފިކިން މައްސަލައެއް އަލުން ބަަލަން ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ފޭދޫ، މަގިކެޑަގެ، އަލީ ވަރުދީގެ މައްޗަށް ދައުވާކުރީ އެ އަވަށު ނިއުޒީފެހި، ހުސެއިން ޝާމިންގެ މައްޗަށް ކުރި ޑްރަގް ޓްރެފިކިންގެ ތުހުމަތެއްގައި އޭނާގެ ގެ ބަލައި ފާސްކުރަނިކޮށް އެ ގެއިން ފެނުނު ފިލްމު ހުސްކުރި ދަޅުތަކަކުން ވަރުދީގެ ފިންގާޕްރިންޓު ފެނުމުންނެވެ.

ކެނަބިސް ޓްރެފިކިންގެ ދައުވާ ޝާމިން އަށް ކުރި ނަމަވެސް ފޭދޫ ކޯޓުން އެ ދައުވާ ބޭރުކޮށްލީ އެވެ. އެ ދައުވާ ވެސް ބޭރުކޮށްލީ ފެނުނު ތަކެއްޗަކީ ކެނަބިސް މިކްސްޗާއެއް ކަމަށާއި ސީދާ ކެނަބިސް ކަމަށް ނުވާތީ ދައުވާކުރަން ޖެހޭނީ އެހެން މާއްދާއަކުން ކަމަށް ބުނެ އެވެ. އެ ދައުވާ އަލުން ބަލަން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހައި ކޯޓުން ހުކުމް ކުރި އެވެ.

ޝާމިންގެ މައްސަަލައެކޭ އެއްގޮތަށް ވަރުދީގެ މައްޗަށް ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ވެސް ފޭދޫ މެޖިސްޓްރޭޓު ކޯޓުން ބޭރުކޮށްލީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގައި އޭނާގެ އަތުން ފެނުނީ ޓެޓްރާހައިޑްރޯ ކެނަބިނޯލް އާއި ކެނެބިނޯލް ކަމަށް އޮތުމުން، އެ ތަކެއްޗަށް އެހެން މާއްދާއަކުން ވަކި ދައުވާއެއް ކުރެވެން އޮއްވައި އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ނުކުރެވޭނެ ކަމަށް ނިންމަ އެވެ.

ހައި ކޯޓުން މީގެ ކުރިން ނިންމި މައްސަލައެއްގެ އަގަލިއްޔާ ރައުޔަށް ބިނާކޮށް ފޭދޫ ކޯޓުން މިގޮތަށް ނިންމީ ޓެޓްރާހައިޑްރޯ ކެނަބިނޯލް އާއި ކެނެބިނޯލް އަކީ މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗަކަށް ވުމުން ދައުވާ ކުރަން ޖެހޭނީ އެފަދަ މަސްތުވާތަކެއްޗާ ގުޅޭ މާއްދާއަކުން ކަމަށް ދެކިގެންނެވެ.

ތަހުލީލު ރިޕޯޓުގައިވާ ކަންކަން މެޖިސްޓްރޭޓް އަމިއްލައަށް ފާހަގަކުރައްވައި މަދަނީ މިންގަނޑުން ދައުވާ ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމައި މައްސަލަ ބޭރުކޮށްލީ ދައުވާ ލިބޭ ފަރާތަށް އަދި ޕީޖީ އޮފީހަށް ވެސް އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ނުދީ އެވެ.

ދަށު ކޯޓުގެ ހުކުމް ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ އަންގާރަ ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ފާހަގަ ކުރީ، މަތީ މަރުހަލާ ކޯޓުތަކުން ނިންމާ ނިންމުންތަކުގެ އަގަލިއްޔާ ރައުޔަށް ބުރަވެ ދަށު ކޯޓަށް ނިންމުން ނުނިންމޭނެ ކަމަށެވެ. ދަށު ކޯޓުތަކުން ތަބާވާން ޖެހޭނީ ނިންމުންތަކުގެ އަގުލަބިއްޔަތު ރައުޔަށް ކަމަށް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، އިޖުރާއިީ އުނިކަމެއް ފަނޑިޔާރަށް ފާހަގަ ކުރެއްވިއްޖެ ނަމަ އެކަމަށް ބިނާކޮށް ގޮތެއް ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވީ ނަމަވެސް، އެކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާއެއްގައިވާ ގޮތުގެ މަތިން މައްސަލައިގެ ހަސްމުންނަށް އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދީފައި ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އޭގެ އިތުރުން، ޓެޓްރާހައިޑްރޯ ކެނަބިނޯލް އާއި ކެނެބިނޯލް ފެނިގެން މީގެ ކުރިން ވެސް އެއީ ކެނަބިސް ކަމަށް ބަލައިގެން ޕީޖީ އޮފީހުން ދައުވާކޮށް، ކޯޓުތަކުން ޝަރީއަތް ހިންގައި އެ މައްސަލަތައް ސުޕްރީމް ކޯޓާ ހިސާބަށް ގޮސްފައިވާއިރު، އެ މާއްދާތަކަކީ ކެނަބިސް ކަމަށް ބަލައިގެން ކުރާ ދައުވާތައް ސައްހަ ވާނެ ކަމަށް ބެލެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ އަލުން ބެލުމަށް ފަނޑިޔާރު ހުސެއިން މަޒީދު ރިޔާސަތު ބެލެހެއްޓެވި މައްސަލައިގައި ނިންމާފައިވެ އެވެ. ދެން ބެންޗުގައި ތިއްބެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ ވެސް ފަނޑިޔާރު މަޒީދުގެ ރައުޔަށް ތާއީދުކުރެއްވި އެވެ.

މި މައްސަލައިގައި ބަލައި ފާސް ކުރި ގެއިން، ފިލްމު ހުސްކުރި ހަ ދަޅު ފެނިފައިވެ އެވެ. އެ ދަޅުތަކުން 160 ގްރާމަށް ވުރެ އިތުރަށް ޑްރަގް ފެނިފައިވެ އެވެ.