07 ނޮވެމްބަރ 2021 - 14:18

އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ހުށަހެޅި ބިލާއި، ދީނަށް ފުރައްސާރަކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި ބިލު އެއްކޮށްލައިގެން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީން ދިރާސާކޮށް ނިންމައި ރިޕޯޓް އާއްމުކޮށްފި އެވެ.

މުސްލިމަކާ ދިމާލަށް ކާފަރަށް ގޮވުން ވެސް ހުއްޓުވަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދެވަނަ ފަހަރަށް ދިރާސާކުރި އިރު ގެނެސްފައިވާ މައިގަނޑު ބަަދަލުތަކަކީ، މުސްލިމަކާ ދިމާލަށް ކާފަރެކޭ ގޮވުުން، ކުށަކަށް ވާ ގޮތް އިތުރަށް ތަފްސީލު ކުރުމެވެ. އެ ބިލާ މެދު އާއްމުންނާއި ބައެއް އިލްމުވެރިން ކުރިން ކަންބޮޑުވުން ފާޅުކުރީ މާބޮޑު ތަފްސީލެއް ނެތި، ފުޅާ ދާއިރާއެއްގައި މީހުން ކުށްވެރި ކުރެވޭ ގޮތަށް އޮތުމުންނެވެ.
ބިލާ ދެކޮޅު ހެދި ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިސްލާމީ އުސޫލުތައް މީހުންނަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ދައްްކާ ވާހަކަތައް ވެސްް ކުށަކަށް ހަދަން ބިލުން ޖާގަ ލިބޭ ކަަމަށް ބެލެވުމެވެ. ޖުޑިޝަރީ ކޮމިޓީން މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިންމައި، މަޖިލީހުގެ ވެބްސައިޓްގައި މިހާރު އާއްމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން، އިސްލާމްދީނުގެ އުސޫލުތައް ބަޔާންކޮށްދިނުމަކީ ކުށަކަށް ނުވާނެކަން، ސާފުކޮށް ބަޔާންކުރާ މާއްދާއެއް ބިލަށް އިތުރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ގާނޫނުލް އުގޫބާތުގެ 124 ވަަނަ މާއްދާއަށް ބިލުގައި ހުށަހަޅާފައިވާ އިސްލާހުގެ ފަހަތަށް، އިސްތިސްނާގެ އަކުރެއް އިތުރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
"އެކިއެކި ކަންކަމާ މެދު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މިމާއްދާ ހުރަހެއް ނާޅަ އެވެ،" 124 ވަނަ މާއްދާއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ފަހަތަށް އެ މާއްދާގެ (ށ)ގެ ގޮތުގައި ކޮމިޓީން އިތުރުކުރި އަކުރުގައި ވެ އެވެ.
ތަކްފީރުކުރުމަކީ ކޮބައިކަން އިތުރަށް ތަފްސީލުކޮށްދިނުމުގެ ގޮތުން ބިލުގައިވާ އިބާރާތް، ކޮމިޓީން ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. އެ އިބާރާތް މިހާރު އޮތް ގޮތުން ޖިނާއީ ކުށަަކަށް ވާނީ ވަކި ޝަރުތުތަކެއް ހަމަނުވާ ހާލަތްތަކުގައި ކުރާ ތުހުމަތެވެ.
އޭގެ ފުރަތަމަ ހާލަތަކީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލަައެއްގައި، އޭގެ ތެރެއިން އަހުލުއް ސުންނާ ވަލް ޖަމާއާގެ މުއުތަބަރު ރައުޔަކާ ޚިލާފު ނުވާ ގޮތަށް ދައްކާ ވާހަަކައަކާ ގުޅުވައި، ތުހުމަތު ކުރާ ހާލަތެވެ. އެ ހާލަތުގައި އެމީހާ ދެއްކި ވާހަކަޔާ ގުޅުވައި، އޭނާއަކީ އިސްލާމްދީނާ ޚިލާފަށް، އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްްމު ތަނެއްގައި ސިފަކުރުމަކީ ކުށެކެވެ.
ދެވަނަ ހާާލަތަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު ކާފަރެއް ނުވަތަ މުރުތައްދެއްގެ ގޮތުގައި ސިފަކުރާ ހާލަތެވެ.
މީގެ ކުރިން އިލްމުވެރިންނާއި އާއްމުން ވެސް ބިލާ މެދު ކަންބޮޑުވުން ފާޅުކުރީ އެފަދަ ބަަސްތަކާއި އަމަލުތައް މީހަކު ފާޅުކުރާ ހާލަތުގައި ވެސް އެމީހަކީ ކާފަރެއް ކަމަށް ބުނެފި ނަމަ ކުށަކަށް ވާ ގޮތަށް ބިލު އޮތް ކަމަށް ބެލެވިގެންނެވެ.
ކޮމިޓީން މިފަހަރު ބިލު ދިރާސާކޮށް ނިންމި އިރު، "އާއްމު ތަނެއްގައި ކުފުރުގެ ބަހެއް ބުނުން ނުވަތަ އެފަދަ އަމަލެއް ކުރުން" ވެސް އިތުރަށް ތަފްސީލުކޮށް މާނަކޮށްފައި ވެ އެވެ. އެ ބައިގައި މީޑިއާގެ ވަސީލަތްްތަކާއި އިންޓަނެޓްގެ ޒަރިއްުޔާއިން ފާޅުކުރާ ޚިޔާލު ވެސް އޮތީ ހިމަނައިފަ އެވެ.
އިސްްލާމްދީނަށް ފުރައްސާރަކުރުން ނުވަތަ ތައުހީނުކުރުމަކީ ޖިނާއީ ކުށަކަށް ހަދަން، ސަރުކާރުން ހުށަހެޅި ބިލުގައި އޮތް މާއްދާ ވެސް، ކާފަރަކަށް ގޮވުން ކުށަކަށް ހަދަން ހުށަހެޅި ބިލާ އެއްކޮށްލައި، ކޮމިޓީން ނިންމި އިރު، އެކަން ވެސް ވަނީ ފުޅާ ދާއިރާއެއްގައި ތަފްސީލުކޮށްފަ އެވެ.
ކޮމިޓީ ރިޕޯޓްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ކުށް މިހާރު މާނަކޮށްފައި އޮތީ "މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކަށް އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން މާތް ﷲ އާއި މެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނާތާ މެދު ނުވަތަ އިސްލާމްދީނާ މެދު ދޮގު މައުލޫމާތެއް ފެތުރުން ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުން" މިހެންނެވެ.
ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފަހުން އަނބުރާ ކޮމިޓީއަށް ފޮނުވައިލީ މިދިޔަ ޖުލައިމަހު އެވެ. އޭގެ ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އެބިލާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހުން ވަަނީ އަލުން އިސްލާހުތަކެއް ވެސް ފޮނުވައިފަ އެވެ.
އޭޖީ އޮފީހުން އޭރު ބުނި ގޮތުގައި އެ ބިލަށް ކޮމިޓީން ގެނެސްފައިވާ ބަދަލުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިސްލާހުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާ އެކު ވެސް މަޝްވަރާކޮށްފައިވެ އެވެ.