07 ނޮވެމްބަރ 2021 - 11:43

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އިންޑިއާގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު މާލެ ގެނެސްފި އެވެ.
ޑައިލިސިސް ސެންޓަރުގައި މަސައްކަތް ކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ފުލުހުން ބުނި ގޮތުގައި ރޭގެ ވަގުތެއްގައި ޕޯސްޓްމޯޓަމްއަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވާއިރު އާއިލާއާ ހަށިގަނޑު ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މޭރީގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެކަމަކު އޭނާ ދަންޖެހުނު ކަމަށް ބުނި ނަމަވެސް ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ވެ އެވެ.
ބޮޑެތި ޝައްކުތަކެއް އުފެދިގެން އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު އެ މައްސަލައިގައި ޝައްކު ކުރެވިގެން އޭނާގެ ފިރިމީހާ، މާވިން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ވެސް އައިޖީއެމްއެޗްގެ ނަރުހެކެވެ.
އަދި މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ދިވެހި އަންހެން ނަރުހެއްގެ ފޯނު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިޔައީ އޭނާ ހޮސްޕިޓަލްގެ ޑިއުޓީގައި ހުރެފައި ބްރޭކަށް ލިބުނު ވަގުތުކޮޅެއްގައި ގެޔަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ. އޭނާގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ދިޔައީ ފިރިމީހާ މާވިން އެވެ.