މަދަދު އެދެމޭ ހިތާއޭ...
މަދަދު އެދެމޭ ހިތާއޭ...

ބުދަ ދުވަހާ ގުޅޭ

އެކަމަކު އަހަރެން ދިޔައީ ކައިރީގައި ހުރި ހޮޓަލަކަށެވެ. އަޒްލިފާއާ ގުޅުވައިގެން ދައްކާ ވާހަކަތަކުގައި ކިހާ ބޮޑު ހަގީގަތެއް އެކުލެވޭތޯ ބަލަން އަހަރެން ބޭނުންވީއެވެ. މީހުންގެ ދުލުގައި ތަޅުއަޅުވާކަށް ނޫނެވެ. އަހަންނަކަށް އެ ކަމެއް ނުކުރެވޭނެއެވެ. އަހަރެން ބޭނުންވީ އަހަރެންގެ ހިތަށް ހަމަޖެހުން ހޯދާށެވެ. އަޒްލިފާގެ ތެދުވެރިކަން ސާބިތުވާށެވެ. ހަޔާތުގެ ހަލަބޮލި ދަތުރުގައި އަޒްލިފާ ދެބައިކަނޑަށް ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އިރުއޮއްސެންދެން ހޮޓަލުގައި މަޑުކުރުމަށް ފަހު، ޓެކުސީއަކަށް އަރައިގެން އައިސް އަޒްލިފާ ދިރިއުޅޭ އެޕާޓުމަންޓު ހުންނަ އިމާރާތް ފެންނަ ހިސާބުގައި މަޑުކޮށްލީމެވެ. އޭރު ގަޑިން ރޭގަނޑު ހަތްގަޑި ބައިވިތާ އިރުކޮޅެއް ވެއްޖެއެވެ. އެ އިމާރާތަށް މީހުން ވަދެނުކުމެވެއެވެ. ވަރަށް ފޫހި، އެހާމެ ދިގު އިންތިޒާރެކެވެ. ރޭގަނޑު ދިހައެއް ޖެހި އިރު ވެސް، އަޒްލިފާ ނުވަތަ އަސިންދުގެ ޚަބަރެއް ނުވެއެވެ. އަހަރެން ވަރަށް އުފާވިއެވެ. އެގާރަގަޑި ބައިވާން އުޅެނިކޮށް ފެނުނީ، އަޒްލިފާއާއި އަސިންދު އަތުގުޅުވައިލައިގެން އިމާރާތުން ނުކުތް ތަނެވެ. އަހަންނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ހިތަށްއެރިއެވެ. އިރުއޮއްސުމުގެ ކުރިން ފެށިގެން އަސިންދު އުޅުނީ އަޒްލިފާގެ އެޕާޓުމަންޓުގައި ހެއްޔެވެ؟ އެހާ ދަން ގަޑިއެއްގައި، ކުދިން އެކަނި ބައިތިއްބައިފައި ދެމީހުން އެ ދަނީ ކޮންތާކަށް ހެއްޔެވެ؟ ކުއްލިއަކަށް އެއްޗެއް ގަންނަންޖެހުނީ ހެއްޔެވެ؟ ލަންކާގައި ސައުވީސް ގަޑިއިރު ވިޔަފާރިކުރާ ފިހާރަ ހުރެއެވެ.

އަސިންދުގެ ކުރޮޅި ފަހަތުން އަހަރުމެން ނައްޓައިލީމެވެ. އަޒްލިފާއަށް އަހަރެން ފާރަލުން ކީއްކުރަން ހެއްޔެވެ؟ އަހަރެން ލަންކާގައި ހުރެދާނެކަމަކަށް ވެސް އަޒްލިފާ ހިޔެއްނުކުރާނެއެވެ. ޓެކުސީ ބާރުކުރަމުން ގޮސް އަޒްލިފާ އިން ކުރޮޅިޔާ އެއްވަރުކުރީމެވެ. އެއް ފަހަރު އެކުސިޑެންޓު ވެސް ނުވީ ހަމަ ކިރިޔާއެވެ.

"ކީއްކުރަނީ؟" ވައިބާއިން އަހަރެން މެސެޖެއް ފޮނުވައިލީމެވެ.

އަޒްލިފާ ފޯނު ބަލައިލި ތަން އަހަންނަށް ފެނުނެވެ. ކޮންމެވެސް އެއްޗެއް ލިޔަން ވެސް ފެށިއެވެ. އިރުކޮޅަކުން އަހަންނަށް މެސެޖެއް އައެވެ.

"އިންޓަވަލް ހުސްވެފަ ހުރިކަން އެނގިގެން ފިހާރަޔަކަށް މި ދަނީ،" އަޒްލިފާ ލިޔެފައި އޮތެވެ. "ނަސީބެއް ހަނދާންވިކަން."

އަހަންނަށް ފެނުނީ އަޒްލިފާގެ ތެދުވެރިކަމެވެ. އެ ވާހަކަ ކޮންމެހެން އޭނަ ބުނާކަށް ނުވެސް ޖެހެއެވެ. ދޮގެއް ވެސް ހެދުނީހެވެ. އެ މީހުން މަޑުކުރީ ކުޑަ ފިހާރަޔަކަށެވެ. ގަން އެއްޗެއް ގަނެގެން އެ މީހުން ދިޔައީ ދަތުރު ފެށި ތަނަށެވެ. އެ އިމާރާތުގެ ދޮރުމައްޗަށް ކުރޮޅި މަޑުކޮށްލުމުން ދެން އަހަރެން ބޭނުންވީ ހޮޓަލަށް އެނބުރިދާށެވެ. ވީމާ، ކުރޮޅި ހުރަސްކޮށްފައި ހުރި ސީދަލަށް ދިޔުމަށް އަހަރެން އެދުނީމެވެ. އަހަރެން އިން ޓެކުސީ ގޮސް ކުރޮޅިޔާ އަރާ ހަމަވި ވަގުތު ކުރޮޅިން ފޭބީ އަސިންދު އެކަންޏެވެ. އޭނަ އަތުގައި ކޮތަޅުތަކެއް ހުއްޓެވެ. އަޒްލިފާ ކުރޮޅީގައި އިނީއެވެ. އަހަރެން ތަންކޮޅެއް ދުރަށް ޓެކުސީ މަޑުކުރުވީމެވެ. އިރުކޮޅަކުން އަސިންދު އައެވެ. ކުރޮޅިއަށް އަރައި ކުރޮޅި އަނބުރައިލައިފައި، އައިކޮޅަށް ނައްޓައިލިއެވެ. ފަހަތުން ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

"މިހާރު ކީއްކުރަނީ؟" އަހަރެން ވައިބާއިން މެސެޖެއް ފޮނުވައިލީމެވެ.

"މިހާރު ނިދަނީ!" އަޒްލިފާގެ ޖަވާބު އައީ އިރުކޮޅަކުންނެވެ. "ވަރަށް ވަރުބަލި ދުވަހެއް. ގުޑްނައިޓް!"

އެ ޖަވާބުން އަހަރެންގެ އަތްފައި ގަނޑުކޮށްލިއެވެ. ދެން ކަންތައް ކުރަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގުނެވެ. ކުރޮޅި ދިޔަ ދިމާއަށް މިސްރާބުޖެހީމެވެ. އަޒްލިފާޔާ ހަތަރުކަޅި ހަމަކޮށްފައި ބުނާނީ ކީކޭކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ސިކުނޑި ހުރީ ސުމަކަށް ގޮސްފައެވެ. އަސިންދުގެ ކުރޮޅިއެއް ނުފެނުނެވެ. އެއީ ހަމަ ނަސީބެކެވެ. ފެނުނު ނަމަ އަހަންނަށް ގޯހެއް ހެދުނީހެވެ. ދެން އަހަރެން އުޅުނީ ލަންކާ ނަންބަރުން އަޒްލިފާއަށް ގުޅައިފައި ބޭޒާރުކޮށްލާށެވެ. އެކަމަކު އުޅެއުޅެ އޭނަޔަށް ގުޅޭ ގޮތެއް ނުވިއެވެ. އަހަރެން ބެލީ އެއީ ވެސް ރަނގަޅެއް ކަމަށެވެ.

ހޮޓަލަށް އައިސް، ކޮޓަރީގައި ދެކޮޅަށް ހިނގައިލަހިނގައިލާ އަހަރެން ހުރީމެވެ. ރޭގަނޑު ކުދިން އެކަނި ބައިތިއްބައިފައި އަޒްލިފާ ދާންވީ ކީއްވެ ހެއްޔެވެ؟ އެ ކުދިންނަށް ލިބޭނީ ކޮން ތަރުބިއްޔަތެއް ހެއްޔެވެ؟ އެންމެ ރެޔަކުން އަހަރެންނަށް އެ ކަހަލަ މަންޒަރެއް ފެނިއްޖެއްޔާ، ކޮންމެ ރެޔަކު ކުދިން ކުރިމަތީގައި ކިތައް މަންޒަރު ތަމުސީލުވާނެ ހެއްޔެވެ؟ ހިތަށްއެރިއެވެ. އަޒްލިފާއަށް ދޭންވީ ކިތައް ފުރުސަތު ހެއްޔެވެ؟ އޭނައަށް މައިތިރިނުވެވިގެން އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ ސައުވީސް ގަޑި އިރު އޭނަގެ ފޫބުޑުގައި އަހަރެން ހުންނާނީ ކިހިނެއް ހެއްޔެވެ؟ ފައިސާ ހޯދަން މަސައްކަތްކުރަމުން އެ ހުރިހައި ކަމެއް އަހަންނަކަށް ނުކުރެވޭނެއެވެ. ކޮންމެވެސް ގޮތެއް ނިންމަން އަހަރެން އެބަ ޖެހެއެވެ. އަޒްލިފާ ލަންކާއަކު ނުބެހެއްޓޭނެއެވެ. އެކަމަކު މާލެގެންދަން އުޅެފިއްޔާ އޭނަ ދާނެ ހެއްޔެވެ؟ ގަދަކަމުން ގެންދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ސިކުނޑި ބުންޏެވެ. އަޒްލިފާ އެޕާޓުމަންޓަށް އަންނަ ވަގުތު ދޮރުމަތިން ބައްދަލުކޮށް ބޭޒާރުކޮށްލާށެވެ. ވަރިކޮށްލާށެވެ. އެ ކަމާ ދެކޮޅުހެދީ އަހަރެން އެކުވެރި ހިތެވެ. ހިތްއެދުނީ އެއާޕޯޓަށް ދަނީއޭ ކިޔާފައި ދޮގުހަދައިފައި، އަޒްލިފާއަށް ފާރަލާން ލަންކާގައި އަހަރެން ހުރިކަން އަޒްލިފާއަށް ނާންގާށެވެ. އަހަރެން ގަބޫލުކުރީ އެ ގޮތެވެ.

އަޒްލިފާޔާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެ އަހަރެން މާލެއައީމެވެ. ވަރިކުރާކަށް ނުވިސްނަމެވެ. އަޒްލިފާ ބޭޒާރެއް ވެސް ނުކުރަމެވެ. އެއްވެސް ކަމެއް ނުފެންނަކަމަށް ހެދިގެން ހުރީމެވެ. އޭގެ ދުވަސްކޮޅެއް ފަހުން ލަންކާގައި ވަރުގަދަ ބޮންތަކެއް ގޮއްވައިލިއެވެ. ލަންކާގައި ތިބުމުގައި މުސްލިމުންނަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެ ދަނޑިވަޅުގެ ބޭނުން އަހަރެން ހިފީމެވެ.

"މި ވަގުތު އިހަށް ރާއްޖެ އަންނަންވީނު،" އަޒްލިފާއަށް ގުޅައިފައި އަހަރެން ބުނީމެވެ. "ކަންތައްތައް ހަމައަކަށް އެޅުނީމަ ފަހުން ދާނީ. އަޒްލިފާޔާ ކުދިންނަށް ކަމެއް ވެދާނެތީ އަހަރެން ވަރަށް ބިރުގަނޭ!"

"އޭރުން ކުދިންގެ ކިޔެވުން ހަލާކުވާނެ،" އަޒްލިފާ ވަރަށް ކަންބޮޑުވެފައި ބުންޏެވެ. "ޓިކެޓަށް ވެސް ކިހާ ލާރިއެއް ދާނެ. ބުނީމެއްނު އަދިވެސް ލޯނު ދައްކާ ނުނިމެޔޭ!"

އަޒްލިފާ ހީކުރަނީ އަހަންނަށް އެއްވެސް އެއްޗެއެް ނޭނގޭކަމަށެވެ. އަހަރެން ޖެހުނީ އަޒްލިފާ ބިރުގަންނަވާލާށެވެ.

"ކުރީ ފަހަރަކު ވެސް މުސްލިމުންނަށް ވަރަށް ވަރުކޮށްލި،" އަހަރެން ބުނީމެވެ. "އަހަރެންގެ ރައްޓެއްސެއްގެ އަންހެނުންނާ ދަރިފުޅު ވެސް މަގުމަތިން ދަނިކޮށް ހަމަ އަރައިގަތީ. ޕޮލިހުން އައި އިރު އޮތީ ވާނެ އެއްޗެއް ވެފަ. މި ފަހަރު ގޭގޭގަ ރޯ ވެސް ކުރާނޯ. ކުރީ ބައިގަ މި ކޮޅަށް ނައްޓައިނުލައިފިއްޔާ ދެން ނޯންނާނެ ކުރެވޭނެ އެއްވެސް ކަމެއް."

އަޒްލިފާ އެ ވާހަކަތައް ގަބޫލުކުރިއެވެ. އަހަރެންނަށް އެ ކަން އެނގުނީ އަޒްލިފާގެ ޖަވާބެއް ނައުމުންނެވެ.

"ކޮން ކަމަކާ ތި ވިސްނަނީ؟" އަހަރެން ބުނީމެވެ. "ހަމަ ތި ކޮޅު ހަމައަކަށްއެޅިލާ އިރަށް ދިޔައިމަ ނިމުނީނު. ކުދިން ސަލާމަތުން ތިބެގެންތާ ކިޔެވޭނީ."

"އަލުން ލަންކާއަށް ފޮނުވާނެކަމަށް ހުވާކުރޭ!" އަޒްލިފާ އެދުނެވެ.

އެއީ އަޒްލިފާ އަލަށް ކުރި ކަމެއް ނޫނެވެ. އަހަރެން ހުވައިކުރީމެވެ. އަޒްލިފާ މާލެއައެވެ. ހިތުން މޮޅު ކަމެއް ކޮށްގެންނެވެ. އަތުގައި ހުރި ހުރިހާ ފައިސާއެއް ލަންކާ ރުފިޔާއަށް މާރުކޮށްގެންނެވެ. އެއީ އަހަންނަށް ގޮތްހުސްކުރަން އޭނަ ކުރި ކަމެކެވެ. އަހަރެން ހިތަށްއެރިއެވެ. ފައިސާތައް އުކާލަން ޖެހުނަސް ހެވެވެ. ދެނެއް އަޒްލިފާ ލަންކާއަކަށް ނުފޮނުވާނަމެވެ. އެކަމަކު އަޒްލިފާގެ ފަޔަކު ހިލިހިލާއެއް ނުޖަހަމެވެ. އޭނަ ކޮށްޓަކަށް ވެސް ނުލަމެވެ. އިންސާނަކަށް ވީތީއެވެ. އަހަރެންގެ އަނބިމީހާއަށް ވީތީއެވެ. އަހަންނަށް ކުރެވުނުހާ ވެސް ކަމަކީ އަޒްލިފާއަށް ވިސްނައިދިނުމެވެ. ނަސޭހަތްދިނުމެވެ. ހިތާމައަކީ، އަޒްލިފާއަށް އެއިން އެއްވެސް އަސަރެއް ނުކުރިކަމެވެ. އޮފީސް ދަތުރެއްގައި އަހަރެން ހަނިމާދޫގައި ހުއްޓައި، އަޒްލިފާ ތިމާގެ މީހަކު އަތުން ދަރަންޏަށް ފައިސާ ނަގައިގެން ލަންކާއަށް ފުރިއެވެ. އަހަންނަށް އެނގުނީ އޭނަ ލަންކާއަށް ދިޔަ ފަހުންނެވެ.

"ތީ ދެން ކޮން ކަމެއް އަޒްލިފާ؟" އަޒްލިފާއަށް ގުޅައިފައި އަހަރެން ބުނީމެވެ. "ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވުނީކީ ނޫން. އަދިވެސް ދަރިންނަކަށް ނަމާދުކުރާކަށް ނޭނގޭ. ދޮށީ ދެކުދިން އެތިބަ ފުރާވަރަށް އަޅަނީ. ނަބީލާއަށް މިހާރު އެ އޮތީ ފަސް އަހަރަށް. އެ ކުއްޖާ ވެސް އެހެރީ ހަމަ އެ ހާލުގަ. އެނގޭނެ އަހަންނަށް މިހާރު އެންމެން ލަންކާއަކު ނުވެސް ބޭތިއްބޭނެކަން. އަންގާ ވެސް ނުލާ ތި ކަހަލަ ކަންތައް ކުރާކަށް ނުވާނެއްނު. އަނެއްކާ ތި ފައިސާ ވެސް ދައްކަންވީ."

"ދެން ކޮންމެވެސް ގޮތެއް ހަދާ! އަހަރެން ބޭނުމެއް ނޫން ރާއްޖޭގަ ހުންނާކަށް." އެ ހިސާބަށް ބުނެފައި އަޒްލިފާ ފޯނު ބޭއްވިއެވެ.

ލަންކާއަށް ދިޔަތާ ދެވަނަ ރޭ ދައްތަ ގުޅިއެވެ. އެހާ އަވަހަށް ދައްތަގެ ކޯލެއް އައުމުން އެއީ ރަނގަޅު ޚަބަރަކަށް ނުވާނެކަން އަހަންނަށް އެނގުނެވެ.

"ނަސީރު! އިރުއޮއްސޭ އިރު ވެސް އަޒްލިފާ ގެޔަކަށް ނުވަދޭ! ކުދިން އެކަނި އެ އުޅެނީ،" ވަރަށް ކަންބޮޑުވެފައި ދައްތަ ބުންޏެވެ. "މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއް! މި ރޭ ވެސް އަދި ގެޔަކަށް ނާދޭ! މިހާރު އެހެރަ ދިހަޔެއް ޖަހާ ބޮޑުވީ. މީހަކު ބުނި ނޫރައްލިޔާއަށޭ އޭނަ ނައްޓާލީ! އެ އުޅޭ އަސިންދުއާ އެއްކޮށް. ދެން މާދަމައެއްނު އާދެވޭނީ."

ދައްތަގެ ފޯނު ނިންމައިލައިފައި އަހަރެން އަޒްލިފާއަށް ގުޅީމެވެ. ގުޅާގުޅާ އޭނަ ފޯނެއް ނުނެގިއެވެ. އަހަންނަކީ މަހުޖަނެއް ނޫނެވެ. ވަގުތުން ޖެޓަކަށް އަރައިގެން ލައްކާއަކަށް ނުދެވޭނެއެވެ. އަހަރެންނަށް ފުރަތަމަ ގުޅުނީ މައިދައިތައަށެވެ. އަޒްލިފާ ހުރީ އޭނައަށް ފޮޅުވަތް އަޅައިދީފައެވެ. މައިދައިތައަށް ގޯސްވީ އަހަންނެވެ. އަޒްލިފާއަށް ވަގުތު ނުދޭތީއެވެ. ދެން އަހަންނަށް ގުޅުނީ ބަފައިބެއަށެވެ. އޭނައަކީ ހިތުގެބަލި ހުންނަ މީހެކެވެ. އެހެންވިޔަސް، ކޮންމެވެސް މީހަކަށް އެ ވާހަކަތައް ކިޔައިނުދީ އަހަންނަށް ނުހުރެވުނީއެވެ. ބަފައިބެއަށް ހުރިހައި ވާހަކައެއް އަހަރެން ކިޔައިދިނީމެވެ. ފަހުން ވެދާނެ ގޮތަކާ މެދު އޭރަކު ނުވިސްނެއެވެ.

"އެހެރީ އަޒްލިފާ ކަންތައްކުރާ ގޮތް،" އަހަރެން ބުނީމެވެ. "ކުދިންކޮޅު އެކަނި ބައިތިއްބާފަ އެ ދިޔައީ ނޫރައްލިޔާއަށް. ބުނެ ވެސް ލީކީ ނޫން. ހެޔޮވާނީ ކިހިނެއް އެހެން ހަދަން. ކިހިނެއް މި ވަރުން އުޅޭނީ؟"

ބަފައިބެ އެއްޗެއް ބުނި އަޑެއް ނީވެއެވެ. ފޯނު ވެއްޓުނު އަޑު ކަހަލަ އަޑެއް އިވުނެވެ.

ނުނިމޭ