06 ނޮވެމްބަރ 2021 - 21:31
ހއ. ދިއްދުއަށް މިއަދަކީ އާދަޔާ ޚިލާފު އުފާވެރި ދުވަހެކެވެ. އެރަށުގެ ކުދިބޮޑު އެންމެން، ހެނދުނުން ފެށިގެން ހަވީރު ވަންދެން ހުޅަނގު ފަރާތު ގޮނޑޮދޮށާއި މޫދުގައި އުޅުނީ ފަަޅަށް ވަދެ އޮތް ބޮޑު ރާގޮނޑި އައިނަކުން ރާގޮނޑި ހިފުމުގަ އެވެ.
ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ވެސް މިގޮތަށް އެ ރަށުގެ ފަޅަށް ރާގޮނޑި ވަދެފައެއް ނުވެ އެވެ. އެހެންވެ ކައުންސިލުން މިކަން ސިފަކުރަނީ އެ ރަށަށް އައި އީދެއްގެ ގޮތުގަ އެވެ.
ހެނދުނު 11:00 ހާއިރު ރާގޮނޑި ހިފަން ފެށި ގޮތަށް އެކަން ނިމުނީ ހަވީރު ހަތަރެއް ޖެހި ފަހުންނެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "މިހާރު"އަށް ވިދާޅުވީ ދިއްދޫ ފަޅަށް މިއަދު ރާގޮނޑި އައިނެއް ވަނުން ވީ އެ ރަށުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވި ކަމަކަށެވެ. އެންމެން އެކުގައި ނުކުމެ ފަޅުތެރެއިން 9،000 އަށް ވުރެން ގިނަ ރާގޮނޑި ހިފި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ވިއްސަކަށް ތިރީހަކަށް އަހަރުގެ ތެރޭގައި ވެސް މިގޮތަށް ފަަޅުތެރެއަށް ރާގޮނޑި އައިނެއް ވަދެފައެއް ނެތް. މިއީ ވަރަށް އުފާވެރި ކަމެއް. މިކަންވީ ބޮޑު އީދެއް ކަހަަލަ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
ދިއްދުއަކީ އަބަދުވެސް މަސްވެރި ރަށެކެވެ. އެކަމަކު ރާގޮނޑި މަސްވެރިކަމަކީ މިހާރު އެ ރަށުގައި އާއްމުކޮށް ކުރާ ކަމެއް ނޫނެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ދިއްދޫ މީހުން މިހާރު އާއްމުކޮށް ކުރަނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ.
ސޯޝަލް މީޑިއާގައި މިއަދު އާއްމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ދިއްދޫ ފަޅު ތެރެއަށް ވަތް ރާގޮނޑި އައިނު ވަަށައިގެން ދިގު ދަލެއް ޖަހައި ބައްދައިލުމަށް ފަހު ރާގޮނޑިތައް އެއްގަމަށް އުކީ އަތުންނެވެ. ރާގޮނޑި އައިނުގައި ގިނައިން ތިބީ "ފަލަ ރާގޮނޑި" ކަމަށް މަސްވެރިން ކިޔާ ސައިޒުގެ ރާގޮނޑި އެވެ.
ކަނޑުމަހުގެ ތެރެއިން ރާގޮނޑިއަކީ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން، އަތޮޅުތަކުގެ އެތެރެވަރިއަށް އެންމެ ގިނައިން ވަންނަ ބާވަތެވެ. ކަޅުބިލަމަހާއި ކަންނެއްޔަކީ ވެސް ކުރިން އަތޮޅުތެރެއަށް ވަންނަ ބާވަތްތަކަށް ވިޔަސް، މިހާރު އެ ބާވަތްތައް އާއްމުކޮށް ބާނަނީ ބޭރު ކަނޑުންނެވެ.