13 ޑިސެމްބަރ 2016 - 13:04

ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ހުއްދަ އަންނަ ޖެނުއަރީ މަހު ތެރޭގައި ދޭނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ އާއި ބޭރުގެ ބަޔަކު ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުން، ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އެކަމުގެ ހުއްދަ ދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު އެއީ ކޮން ކުންފުންޏެއް ކަމެއް އެ އޮތޯރިޓީއަކުން ނުބުނެ އެވެ.
އޮފިޝަލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ހިދުމަތާ ގުޅޭ ގަވައިދާއި އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ހެލިކޮޕްޓަރުގެ ހިދުމަތަށް ހުއްދަ ދިން ނަމަވެސް، އަމަލީ ގޮތުން އެކަން ފަށަން ފަސް ވަރަކަށް މަސް ނަގާނެ ކަމަށްވެ އވެެ.
"ހިދުމަތް ފަށާނެ ދުވަހެއް ކަނޑައަޅާނީ އެ ކުންފުނިން. ހުއްދަ ދިން ނަމަވެސް، ހެލިކޮޕްޓަރު ޖައްސާނެ ރަށްރަށާއި އެ ހިދުމަތް ދޭނެ ގޮތް ކަނޑައަޅާނީ އެ ކުންފުނިން. އެހެންވީމަ، ހިދުމަތް ފެށޭނެ ކަމަށް ލަފާ މިކުރެވެނީ އަންނަ އަހަރުގެ މެދުތެރޭގައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ސިވިލް އޭވިއޭޝަނުން ތައްޔާރުވަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އެކަމަކު ރާއްޖޭގައި ހެލިކޮޕްޓަރު ވެއްޓުމުގެ ހިތާމަވެރި ހާދިސާތަކެއް ހިނގާފައި ވާތީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ބޭނުންވީ ކަމަށެވެ.
ރާއްޖޭގައި ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާތަކުގައި އެތައް ބަޔަކު މަރުވި އެވެ. ހެލިކޮޕްޓަރުގެ ހިދުމަތް އޭރުގެ ސަރުކާރުން މަނާކުރީ އެ ހާދިސާތައް ގިނަވުމުންނެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ރާއްޖޭގައި ފެށުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކުރިން ހެލިކޮޕްޓަރު އޮޕަރޭޝަންތަކުގެ ޑޭޓާތަކާއި ސަލާމާތީ ކަންކަން ހުރި ނެތް ގޮތް ބަލާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ހެލިކޮޕްޓަރު ދުއްވަނީ އެމްއެންޑީއެފުން އެކަންޏެވެ. އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިން ދެ ހެލިކޮޕްޓަރު ދުއްވަނީ ވެސް އިންޑިއާ ސިފައިންނެވެ.