06 ނޮވެމްބަރ 2021 - 14:52

ސައުތެމްޓަން (ނޮވެމްބަރު 6) - ފިނި މޫސުމަށް ހާއްސަކޮށްގެން އިނގިރޭސި ޕްރިމިއާ ލީގުގައި "ވިންޓާ ބޯލް" އެއް އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ މީގެ 23 އަހަރު ކުރިން، 1998-1999 ސީޒަނުގަ އެވެ. ކުޅުމުގައި އާއްމުކޮށް ގެނގުޅޭ ހުދު ބޯޅައިގެ ބަދަލުގައި ފިނި މޫވުމަށް ހާއްސަ ރީނދޫ ބޯޅައެއް ތައާރަފް ކުރީ ފިނި މޫސުމުގައި ސްނޯ ތެރޭގައި ކުޅޭއިރު، ބޯޅަ ފާހަގަ ކުރަން ފަސޭހަ ވާނޭހެން، މާހައުލަށް ވެސް ހާއްސަ އިތުރު ފީޗާސްތަކަކާ އެކު އެވެ.

އެހެން ސީޒަންތަކުގައި ބޭނުންކުރާ ވިންޓާ ބޯޅަތަކާ ހިލާފަށް، މިފަހަރުގެ ބޯޅަ އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ސަމާލުކަން ބޮޑެވެ. "ހައި-ވިސް ޕްރިމިއާ ލީގު ނައިކީ ފްލައިޓް" ބޯޅައިގައި ވަނީ ކޮމިކް ޑިޒައިނެކެވެ. ގަދަ ރީނދޫ ކުލައިގެ ބޯޅައިގައި ނޫކުލައިގެ ޑިޒައިނަކާ އެކު ރަތް ކުލައިގެ ވަށް ބޮޅުތައް ރަމްޒު ކޮށްދެނީ ކޮމިކުގެ ރަން ޒަމާނުގެ ކުރެހުންތަކެވެ. އަދި މި ޑިޒައިން ހާއްސަ ކޮށްފައި ވަނީ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ދަނޑުމަތީގައްޔާއި ދަނޑުން ބޭރުގައި ނަމޫނާ ދައްކާފައިވާ ކުޅުންތެރިންނަށެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މިފަހަރުގެ ވިންޓާ ބޯޅަ އަކީ މިހާތަނަށް އުފެއްދި އެންމެ ރީތި ބޯޅަ އެވެ. ނަމަވެސް ޑިޒައިނާ މެދު ހިތްހަމަނުޖެހޭ މީހުން ވެސް މަދެއް ނޫނެވެ. އެއް ބަޔަކު އިނގިރޭސިވިލާތުގައި އެކި ކުލަތައް ބޭނުން ކޮށްގެން އުފައްދާ ހަރު މެޓައެއް ކަމަށްވާ "ގޮބްސްޓޮޕާ" އަކާ މި ބޯޅަ އެއްގޮތް ކުރާއިރު، އަނެއް ބަޔަކަށް މި ބޯޅަ ސިފަވަނީ މަޝްހޫރު ކާޓޫން ކެރެކްޓާ "ސިމްސަން"، ހައިޑްރޯލިކް ޕްރެސް އަކުން ބޯޅައެއްގެ ބައްޓަމަށް ބަދަލުކޮށްލާފައި ވާފަދަ ގޮތަކަށެވެ.
ފުރަތަމަ 10 މެޗުގައި މި ސީޒަނަށް އުފެއްދި "ނައިކީ ފްލައިޓް ބޯލް" ބޭނުން ކުރުމަށް ފަހު ވިންޓާ ބޯޅަ އެންމެ ފުރަތަމަ ބޭނުންކުރީ ރޭ ސައުތެމްޓަން އިން އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު، 11 ވަނަ ހަފްތާގެ ފުރަތަމަ މެޗުގަ އެވެ. މެޗުގެ ތިންވަނަ މިނިޓުގައި އެޑަމް އާމްސްޓްރޯންގް ޖެހި ހިތްގައިމު ގޯލާއެކު ސައުތެމްޓަން މެޗް ކާމިޔާބު ކުރީ 1-0 އިންނެވެ.
މެޗުގެ 11 ވަނަ މިނިޓުގައި ސައުތެމްޓަންގެ ފުލްބެކް ވަލެންޓީނޯ ލިވްރަމެންޓޯ އަށް، އެސްޓަންވިލާގެ ނެދަލެންޑްސް މިޑްފީލްޑަރު އަންވަރު އަލްގާޒީ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑު ދެއްކި އިރު، އެއަށް ފަހު ވެސް ފުރަތަމަ ހާފުގައި އޭނާގެ ފަރާތުން ވަނީ އިތުރު ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދައްކާ ވަރުގެ އިތުރު ކުށްތައް ފެނިފަ އެވެ. ލިވްރަމެންޓޯ އަތުން ބޯޅަ ހޯދަން އޭނާ ގައިގައި ހިފާ ވައްޓާލުމުގެ އިތުރަށް، އެސްޓަން ވިލާގެ ޕެނަލްޓީ އޭރިއާ ތެރޭގައި ބޯޅަ ހިފައިގެން ޕެނަލްޓީ ހޯދަން ޑައިވް ކުރުމުން ވެސް އަލްގާޒީ ވަނީ އިރުރު ކާޑުތަކުން ސަލާމަތްވެ މެޗުގައި 79 މިނިޓް ފުރިހަމަ ކޮށްފަ އެވެ.
މިއީ އެސްޓަން ވިލާ މިސީޒަނުގައި ލީގުގައި ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. ސައުތެމްޓަން ލީގުގެ ފުތަރަމަ ހަތް މެޗުން ވެސް މޮޅެއް ނުހޯދުނުއިރު، އޭގެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅު ވެފަ އެވެ.
މި ހަފްތާގެ މެޗްތަކަށް ފަހު ދެން ލީގުގެ ކުޅުން ފެށޭނީ، މި އަހަރުގެ އެންމެ ފަހު ފީފާ އިންޓަނޭޝަނަލް ބްރޭކަށް ފަހު އެވެ.