06 ނޮވެމްބަރ 2021 - 12:39

އާ ޒުވާން ކުޅުންތެރިން ހޯދަން، ކްލަބު އީގަލްސްއިން ބާއްވާ ޓްރަޔަލް މިއަދު ފަށާނެ ކަމަށް އެ ކްލަބުން އިއުލާންކޮށްފި އެވެ.
އުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކުރާ ޓްރަޔަލް މިއަދުން ފެށިގެން އަންނަ އަންގާރަ ދުވާހާ ހަމައަށް އޮންނާނެ އެވެ.
އީގަލްސް އަކީ ޒުވާން އާ ކުޅުންތެރިންނަށް ފުޓްބޯޅައިން ފުރުސަތު ތަނަވަސްކޮށްދޭން އިސްކަންދޭ ކްލަބެކެވެ. ކޮންމެ އަހަރަކު ވެސް ސީޒަން ފެށުމުގެ ކުރިން ކުޅުންތެރިން އެ ކްލަބުން ހޯދަން ޓްރަޔަލް ބާއްވަ އެވެ.
- ނޮވެމްބަރު 6 = ހަވީރު 3:50-5:30 އަށް އެފްއޭއެމް ޓާފް ދަނޑު 1 ގައި
- ނޮވެމްބަރު 7 = ހަވީރު 5:20 އިން އިރުއޮއްސި 7:00 އަށް އެފްއޭއެމް ޓާފް ދަނޑު 2 ގައި
- ނޮވެމްބަރު 8 = ހަވީރު 5:20 އިން އިރުއޮއްސި 7:00 އަށް އެފްއޭއެމް ޓާފް ދަނޑު 1 ގައި
- ނޮވެމްބަރު 9 = ހަވީރު 5:20 އިން އިރުއޮއްސި 7:00 އަށް އެފްއޭއެމް ޓާފް ދަނޑު 2 ގައި
މިދުވަސްތަކުގެ ތެރެއިން ކޮންމެ ދުވަހެއްގައި ވެސް ޓްރަޔަލްއާ އަލަށް ގުޅުމުގެ ފުރުސަތު ލިބޭނެ އެވެ. ޓްރަޔަލްއާ އަލަށް ގުޅެން ދާ ކުޅުންތެރިން ދާން ޖެހޭނީ އައިޑީކާޑު ހިފައިގެން، ކުޅޭ ކިޓްގަ އެވެ. އިތުރު މައުލޫމާތު 7749315 ނުވަތަ 7614000 އަށް ގުޅައިގެން ލިބޭނެ އެވެ.
އީގަލްސް އަކީ ޒުވާން ކުޅުންތެރިންނަށް ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބެވެ. އެ މުބާރާތް ހަތަރު ފަހަރު އެ ޓީމުން ކާމިޔާބު ކުރި އިރު ޖެހިޖެހިގެން އެ މުބާރާތް ކާމިޔާބު ކުރި ހަމައެކަނި ޓީމަކީ އީގަލްސް އެވެ.