07 ނޮވެމްބަރ 2021 - 07:08

ދެހާސް ނަވާރައިގެ ފަހުން ކެރިއަރަށް ވުރެ ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށާއި މިހާރު ވަރަށް ގިނަ ފިލްމުތަކުން ފުރުސަތުތައް ވެސް ލިބެމުން އަންނަ ކަމަށް ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް ބުނެފި އެވެ.
ދެހާސް ނަވާރައިގައި ކުޅުނު ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތިޔާ ދާރްއާ ޖޫން މަހު ކައިވެނިކުރި 32 އަހަރުގެ ބަތަލާ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރުގެ މިސްރާބު ވެސް މިހާރު ވަރަށް ރަނގަޅު ދިމާއަކަށް ކަމަށެވެ. ޔާމީ ބުނި ގޮތުގައި 2019 ގެ ކުރިއަކުން އެންމެ ހިތް އެދޭ ކަހަލަ ފިލްމުތަކުން ފުރުސަތު ނުލިބުނަސް، އެކަން މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ.
"އެންމެ އުފާވާ ކަމަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދާ ފިލްމުތަކުން މިހާރު ފުރުސަތުތައް ލިބޭތީ." ސެޕްޓެމްބަރުގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގައި ވެސް ހިމެނޭ ޔާމީ ބުންޏެވެ.
ދެހާސް ބާރައިގެ "ވިކީ ޑޯނާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުނި ގޮތުގައި ކުރިއަށް ހުރި ކޮންމެ ފިލްމަކީ ވެސް ވަރަށް ތަފާތު އެއްޗަކަށް ވާނެ އެވެ. އަދި މިހާރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ކުރިން އޭނާ އަށް އިތުބާރު ނުކުރާ ވަރަށް އިތުބާރުކޮށް، ބޮޑެތި އަދި ޗެލެންޖިން ރޯލުތައް ދޭތީ ކުރިއަށް ދިއުމުގެ ހިތްވަރު ވެސް ވަރަށް ބޮޑަށް އާލާވަމުން އަންނަ ކަމަށް ބުންޏެވެ.
ޔާމީގެ އަތުގައި މިހާރު ވެސް ފަސް ފިލްމެއް އެބައޮތެވެ. މީގެ ތެރެއިން ބައެއް އެއްޗެހީގެ ޝޫޓިން ވެސް ނިމިފައިވާ އިރު، ދެން ހުރި އެއްޗެހީގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ.
ޝޫޓިން ނިމިފައިވާ ފިލްމުތަކުގެ ތެރޭގައި އަބީޝެކް ބައްޗަނާ އެކު ކުޅެފައިވާ އަދި ފުލުހެއްގެ ކެރެކްޓާ އިން ފެންނާނެ "ދާސްވީ" އާއި ޓީޗަރެއްގެ ރޯލުން ފެންނާނެ "އަ ތާޒްޑޭ" ގެ އިތުރުން ނޫސްވެރިއެއްގެ ރޯލުން ފެންނާނެ "ލޮސްޓް" ހިމެނެ އެވެ. މިހާރު ޔަމީ ޝޫޓިން ފަށާފައި އޮތް ފިލްމަކީ ވަކީލެއްގެ ރޯލު ކުޅޭ އަކްޝޭ ކުމާރުގެ އޯ މައި ގޯޑް (އޯއެމްޖީ) 2 އެވެ.
ޔާމީ ކުރިން ޝާހިދު ކަޕޫރްގެ 2018 ގެ "ބައްތީ ގުލް މީޓަރު ޗާލޫ" ގައި ވެސް ވަކީލެއްގެ ރޯލު ކުޅުނެވެ. އޭނާ ބުނި ގޮތުގައި "އޯއެމްޖީ 2" އަކީ ބެލުންތެރިންނަށް ވަރަށް ތަފާތު ކޮންސެޕްޓެއް ގެނެސްދޭނެ ފިލްމެކެވެ. އަދި މިއީ ވަރަށް ހާއްސަ ފިލްމެއް ކަމަށް ބުންޏެވެ.
"އަހަންނަށް ވަރަށް ޔަގީން މި ފިލްމަކީ ބެލުންތެރިންް ވަރަށް ހައިރާން ކޮށްލާނެ ކަހަލަ އެއްޗަކަށް ވާނެ." ޔާމީ ބުންޏެވެ.
ސޮއި ކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޝޫޓިން އަދި ނުފަށާ އޮތް ޔާމީގެ ފިލްމަކީ ފިރިމީހާ އަދިތިޔާ ޕްރޮޑިއުސްކުރާ "ރާތު ބާކީ" އެވެ.
އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ރިތިކް ރޯޝަންގެ "ގާބިލް" އާއި ޕުލްކިތު ސަމްރާޓްގެ "ސަނަމް ރޭ" އާއި ވަރުން ދަވަންގެ "ބަދުލާޕޫރް" އާއި އަމީތާބް ބައްޗަންގެ "ސަރުކާރު 3" އަދި އަޔޫޝްމަން ކްރާނާގެ "ބާލާ" ހިމެނެ އެވެ.