06 ނޮވެމްބަރ 2021 - 07:20

އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ރޯލެއް ކުޅޭ އިންޑިއާގެ ފިލްމު "ލައިގާ" ގައި އޭނާ ފެންނާނެ ގޮތުގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމުގެ ވާހަކަ ބޮކްސިންއާ ވަރަށް ބޮޑަށް ގުޅިފައިވާ އިރު، ޓައިޒަންގެ ކެރެކްޓާ އަކީ ފިލްމުގެ ވިލަންއެއްގެ ރޯލެވެ. ޕޫރީ ޖަގަނަންދު ޑައިރެކްޓްކުރާ "ލައިގާ" ގެ ލީޑް ތަރިންނަކީ މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ އާއި އާއި ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ އެވެ.
މި ފިލްމުގެ ކާސްޓްގައި ޓައިޒަން ހިމެނޭކަން އޭގެ ޓީމުން ހާމަކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ވަރަށް ވަރުގަދަ ސްޕޯޓްސް އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭން މަސައްކަތްކުރާ "ލައިގާ" ގައި ވިޖޭ އާއި ޓައިގާގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެ އެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ލައިގާ" ގެ ކާސްޓްގައި ރާމިއާ ކްރިޝްނަން އާއި މަކްރަންދު ދޭޝްޕާންޑޭ އަދި ރޯނިތު ރޯއި ވެސް ހިމެނެ އެވެ.
މިއީ އިންޑިއާގެ ފިލްމެއްގައި ޓައިޒަން ބައިވެރިވާ ފުރަތަމަ ފަހަރެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އަދި ކާމިޔާބު ބޮކްސިން ތަރިންގެ ތެރޭގައި ހިމެނޭ ޓައިޒަން، 55، ވަނީ 2005 ގައި ޕްރޮފެޝަނަލް ބޮކްސިން އިން ރިޓަޔާކޮށްފަ އެވެ. އެކަމަކު "އަޔަން މައިކް" އާއި "ކިޑް ޑައިނަމައިޓް" ފަދަ ނަންތަކުން މަޝްހޫރުވި ލެޖެންޑަކީ މިހާރު ވެސް އެ ކުޅިވަރަށް ހިދުމަތް ކުރަމުން އަންނަ މީހެކެވެ.