ރިޒޯޓް 2017ގެ އެންމެ ވިދާލި ޝޯތައް
ރިޒޯޓް 2017ގެ އެންމެ ވިދާލި ޝޯތައް

ކޮންމެ އަހަރަކު ވެސް ބޮޑެތި ފެޝަން ބްރޭންޑުތައް ފިނި މޫސުމާއި ހޫނު މޫސުމުގެ ޝޯތަކުގެ އިތުރުން ރިޒޯޓް ނުވަތަ ކްރޫޒް ކަލެކްޝަނެއް ދައްކާލަ އެވެ. މިއީ ޗުއްޓީ ހޭދަކުރަންދާ ފަރާތްތަކަށް ހާއްސަ ޑިޒައިންތަކެއް ދައްކާލާ ޝޯތަކެކެވެ. މިއަހަރު އެންމެ ވިދާލި ރިޒޯޓްޝޯތައް ހިއްސާކޮށްލާނަމެވެ.

ރިޒޯޓް 2017ގެ އެންމެ ވިދާލި ޝޯތައް
ރިޒޯޓް 2017ގެ އެންމެ ވިދާލި ޝޯތައް

މިއަހަރުގެ ރިޒޯޓު ކަލެކްޝަނުގެ އެންމެ އަލިގަދަ އެއް ޝޯ އަކީ ކިއުބާގައި ބޭއްވި ޝެނާލް ކްރޫޒް ޝޯ އެވެ. ހަވާނާގެ ޕަސެއޯ ޑު ޕްރާޑޯގައި ބޭއްވި ފެޝަން ޝޯ ބަލަން ދިޔަ އެތައް ސަތޭކަ މެހެމާނުންނެއްގެ ތެރޭގައި މަޝްހޫރު ލަވަކިއުންތެރިން، މިއުޒިޝަނުން އަދި އެކްޓަރުން ހިމެނެ އެވެ. ޝޯ ބަލަން ދިޔަ ކޮންމެ މެހެމާނަކަށް ކިއުބާގެ ވިންޓެޖް ކާރެއްގައި ޝޯ ބަލައިލަން ދާން ފުރުސަތު ލިބުނެެވެ. ސްޓެލާ ޓެނަންޓް، މާރިއާ ކާލާ ބޮސްކޯނޯ ފަދަ ސުޕަ މޮޑެލްސް ޝެނާލްގެ އެންމެ ފަހުގެ ކްރޫޒް ޑިޒައިންތައް ލައިގެން ރަންވޭމަތީގައި ދައްކާލި އެވެ. ރީނދޫ، ފެހި، ނޫ އަދި ފިޔާތޮށި ފަަދަ ގަދަ ކުލަތަކުގެ ހެދުމާއި ކިއުބާގެ "ވިންޓޭޖް" ކާރު ޕްރިންޓްކޮށްފައި ހުރި ފޮތިގަނޑުން ޑިޒައިންކޮށްފައި ހުރި ގަމީސް، ހަރުވާޅު އަދި ހެދުން ފެނުނެވެ. ޝެނާލްގެ މި ކުލަ ގަދަ ޝޯ ނިންމާލާފައި ވަނީ ވެސް ވަރަށް ކުލަގަދަ މަޖާ ސްޓައިލަކަށެވެ. މޮޑެލުންނާއި މިއުޒިޝަނުން ނަށަމުން ލަވަކިޔަމުން ރަންވޭ މަތިން ދިޔަ އެވެ.

ރިޒޯޓް 2017ގެ އެންމެ ވިދާލި ޝޯތައް
ރިޒޯޓް 2017ގެ އެންމެ ވިދާލި ޝޯތައް

ބްރެޒިލްގެ އާކިޓެކްޓް އޮސްކާ ނީމަޔާ ފަރުމާކޮށްފައިވާ "ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމް"ގައި ދައްކާލި ލުއީ ވޫޓާން ކްރޫޒް ކަލެކްޝަން އަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ޝޯއެކެވެ. "އެތްލެޓިކް ސްޕޯޓްސްވެއާ"އިން ހިޔާލު ހޯދާފައިވާ ކަލެކްޝަން ޑިޒައިންކުރި ލުއީ ވޫޓާންގެ ޑިޒައިނާ ނިކޮލަސް ބުނިގޮތުގައި މިހާރު އަންހެނުން ބޭނުންވަނީ ޒަމާނީ ރީތި ހެދުންތަކާއި ފަސޭހައިން ކޮންމެ ދުވަހަކު ލެވޭ ކަހަލަ ސްޕޯޓްސްވެއާ އެވެ. ބްރެޒިލް އަކީ ފުޓަބޯޅަ އަށް ނަން މަޝްހޫރު ގައުމަކަށް ވުމުން ނިކޮލަސްގެ ޑިޒައިންތަކުގައި ޕެލޭ ފަދަ މަގުބޫލު ފުޓަބޯޅަ ކުޅުންތެރިންގެ ކުރެހުންތައް ޕްރިންޓުކޮށްފައި ހުއްޓެވެ.

ޕްރިންސަސް ޑަޔާނާގެ ޖަނާޒާ، ޕްރިންސް ވިލިއަމް އަދި ކޭޓް މިޑްލްޓަންގެ ކައިވެނި ހަފުލާ ފަދަ ބޮޑެތި ހަފުލާތައް ބޭއްވި ވެސްޓްމިންސްޓާ އެބީގައި ގުޗީގެ ރިޒޯޓް ފެޝަން ޝޯ ދައްކާލި އެވެ. އެކި ޒަމާންތަކުން ފެނިގެން ދިޔަ އިނގިރޭސި ވިލާތުގެ ފެޝަން އާއި ސްޓައިލް އެއް ޝޯއަކުން ދައްކާލި އެވެ. އިނގިރޭސި ވިލާތުގެ ސަގާފީ ގޮޅިޖެހި ފޮތި ނުވަތަ ގައުމުގެ ދިދަ ބޭނުންކޮށްގެން ފަރުމާކޮށްފައި ހުރި އެކި ވައްތަރުގެ 94 ޑިޒައިން ރަންވޭ މަތިން ފެނުނެވެ. ގުޗީ ޝޯ ބަލަން ދިޔަ މެހެމާނުންނަށް ވަރަށް ހާއްސަ ހަދިޔާއެއް ވެސް ލިބުނެވެ. ފަށުވިން އެކި ވައްތަރުގެ ޑިޒައިން އެމްބްރޮއިޑާ ކޮށްފައި ހުރި ބާލިސް ކޮންމެ މެހެމާނެއްގެ ގޮނޑި މަތީގައި އޮތެވެ.

ކާލްގެ ފަންނީ އުފެއްދުންތެރިކަމަށް ހުއްޓުމެއް ނެތްކަން އޭނާ ފަރުމާކުރާ ކޮންމެ ފެޝަން ކަލެކްޝަނަކުން ސާބިތުކޮށްދެ އެވެ. މިއަހަރުގެ ފެންޑީ ރިޒޯޓު ކަލެކްޝަންގައި ވަރަށް ލަތީފީ އަދި އުފެއްދުންތެރި އާ ޑިޒައިންތަކެއް ކާލް ދައްކާލި އެވެ. އެމެރިކާގެ ސަގާފީ ރަތާއި ހުދުން ތައްޔާރުކުރާ ކިލްޓް ޑިޒައިން އަދި ޖަޕާނުގެ މާމަލުގެ "ވޯލް ޕޭޕާ" ޑިޒައިންތައް އެއްކޮށްލައިގެން ފަރުމާކޮށްލި ހެދުންތައް އެހާމެ ފުރިހަމަ އެވެ. ތަނބިކައްޓާއި ހަމައަށް ހުންނަ ސްކާޓު، އޮފް ޝޯލްޑާ ޓޮޕު އަދި ޒަމާނީ ޖެކެޓު ހުއްޓެވެ.